ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް އަށް މީހުން މަރުވެ، އިތުރު ބަޔަކަށް އެކި ވަރުގެ ޒަޚަމްތައް ލިބިއްޖެއެވެ.
މި ވިއްސާރައިގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިޘާތަކެއް ވަނީ ހިނގާފައެވެ.
ސްރީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ކާރިސާގެ އަސަރު އެ ޤައުމުގެ 9 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 3,014 ޢާއިލާއަކަށް ވަނީ ކޮށްފައެވެ. މިއީ ޖުމްލަ 11,832 މީހުންނެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށްޓަކައި އެކި ސަރަޙައްދުތަކުގައި 51 ރައްކާތެރި މަރުކަޒެއް ޤާއިމްކޮށްފައިވާއިރު، މިހާތަނަށް 3,538 މީހުން އެ ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މަޝްހޫރު ނުވަރަ އެލިޔާ ޑިސްޓްރިކްޓަށެވެ. ޑީއެމްސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޑިސްޓްރިކްޓުން އެކަނިވެސް ހަ މީހުން މަރުވެފައިވާއިރު، 5,445 މީހުންނަށް ވަނީ އެކި ގޮތްގޮތުން އަސަރުކޮށްފައެވެ. އަދި އެ ސަރަޙައްދުގެ 115 ގެއަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވެއެވެ. މުޅި ޤައުމަށް ބަލާއިރު އެއް ގެ އެއްކޮށް ސުންނާފަތިވެފައިވާއިރު، 290 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ވެސްޓަން، ނޯތު ވެސްޓަން އަދި ސަބަރަގަމުވަ ޕްރޮވިންސަށް ގުގުރާ ވިދުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. މީގެ އިތުރުން ކެންޑީ، ނުވަރަ އެލިޔާ، ގޯލް އަދި މަތާރާ ޑިސްޓްރިކްޓަށް ވެސް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ބައެއް ސަރަޙައްދުތަކަށް 75 މިލީމީޓަރަށް ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، އޮގަސްޓު މަހުގެ 5 ވަނަ ދުވަހުގެ މެންދުރު ފަހު އުވާ ޕްރޮވިންސާއި މުއްލައިތިވު ޑިސްޓްރިކްޓަށް ވާރޭ ވެހުން ގާތް ކަމަށް އެ އިދާރާއިން ބުނެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ ބައެއް ޕްރޮވިންސުތަކަށް ގަޑިއަކު 40 އާއި 50 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށެވެ. އެހެންކަމުން، މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.




