ތައިލެންޑުގެ ނަރާތިވަޓްގެ ސުންގައި ކޮލޮކްގައި މިއަދު ކުރިއަށްދިޔަ ”ކޮލޮކް އެފްއޭ ކަޕް“ ގެ މެޗެއްގެ ތެރޭގައި، ދަނޑަށް ހޮނުއެޅުމުގެ ސަބަބުން ފުޓްބޯޅަ ކުޅުންތެރިއަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ ޔަލާ އެފްސީއަށް ކުޅެމުންދިޔަ ސޮފްވާން އަވާއޭއެވެ.
ސޮފްވާން އަކީ އޭނާ ކުޅެމުންދިޔަ ކްލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރިތާ މާގިނަ ދުވަހެއް ނުވާ ކުޅުންތެރިއެކެވެ. ހޮނުއެޅި ވަގުތު ދަނޑުމަތީގައި ތިބި އިތުރު ނުވަ ކުޅުންތެރިއަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ފުޓްބޯޅައަށް ހާއްސަ ޖަމިއްޔާތަކާއި، ”އޭއައިއެސް ޕްލޭ ސްޕޯޓްސް“ ފަދަ ވަސީލަތްތަކުން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ވިދާ ގުގުރާ ވަގުތުތަކުގައި ހުސް މައިދާންތަކަކީ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކެވެ. އެފަދަ ތަންތަނުގައި ރައްކާތެރިވާނެ ހިޔާވަހިކަމެއް ނުހުންނައިރު، ހުސް ބިމެއްގައި ހުންނަ އެންމެ އުސް އެއްޗަކަށް ގިނަފަހަރަށް ވަނީ ކުޅުންތެރިންނެވެ.
މިފަދަ ހާލަތްތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި އިރުޝާދު ދެނީ ”30-30” އުސޫލަށް އަމަލުކުރުމަށެވެ. އެއީ ވިދާލާތާ 30 ސިކުންތު ތެރޭގައި ގުގުރި އަޑު އިވޭނަމަ، އެއީ ނުރައްކާތެރި މިންވަރަށް ތޫފާން ކައިރިވެފައިވާ ކަމުގެ ނިޝާނަކަށް ވާތީ ވަގުތުން ކުޅުން ހުއްޓާލުމަށެވެ. އަދި އެންމެ ފަހުން ގުގުރި އަޑު އިވުނުތާ މަދުވެގެން 30 މިނެޓު ފަހުން ނޫނީ އަލުން ދަނޑަށް ނުނިކުތުމަށް ލަފާދެއެވެ.
ކަމާބެހޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ދަނޑުމަތީގައި ހުންނަ ބެންޗުތަކާއި، ގަސްގަހާގެއްސާއި އަދި ދަގަނޑު ފެންސުތަކަކީ ހޮނުއެޅުމުން އެއްވެސް ރައްކާތެރިކަމެއް ލިބޭނެ ތަންތަނެއް ނޫނެވެ. ރައްކާތެރިކަން ލިބޭނީ ވަރުގަދަ އިމާރާތެއްގެ ތެރެއިން ނުވަތަ މަތި ބަންދުކޮށްފައިވާ އުޅަނދަކުންނެވެ.
ތައިލެންޑަކީ ކޮންމެ އަހަރަކުވެސް ހޮނުއެޅުމުގެ ސަބަބުން ގިނަ ބަޔަކު މަރުވާ ގައުމެކެވެ. މީގެ ތެރެއިން ގިނަ ހާދިސާތައް ހިނގަނީ ވިއްސާރަ މޫސުމުގައި ހުސް ބިންތަކުގައެވެ.




