ސަޢުދީ ޢަރަބިއްޔާއާއި ތުރުކީވިލާތާއި ޕާކިސްތާނުން ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މައްކާގައި ސޮއިކުރި “މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓު”ގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއެވެ.
ތުރުކީވިލާތުގެ ފަރާތުން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ޕާކިސްތާނު ތަމްޘީލް ކުރެއްވީ އެ ޤައުމުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އެ ކަމާ ގުޅޭ ގޮތުން އަހަރެއްހާ ދުވަހު މަޝްވަރާ ކުރުމަށް ފަހުގައެވެ.
އެމެރިކާއާއި ޔަހޫދީން އިސްވެ އީރާނަށް ހަމަލާދީ ހަނގުރާމަ ކުރަމުންދާއިރު، އީރާނުން ދަނީ ސަޢުދީ ޢަރަބިއްޔާ ހިމެނޭ ގޮތަށް އެމެރިކާގެ މަސްލަހަތު ހިމެނޭ ގަލްފުގެ ޤައުމުތަކަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ. އަދި އެ ޤައުމުތަކަށް ހަކަތަ އުފުލައިދޭ އުޅަނދުފަހަރަށް ވެސް އީރާނުން ދަނީ ހުރަސްއަޅަމުންނެވެ.
މައްކާ ޖޮއިންޓް ޑިފެންސް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ތިން ޤައުމުން ކުރެ އެއްވެސް ޤައުމަކަށް ހަތިޔާރު ބޭނުންކޮށްގެން ދޭ ކޮންމެ ހަމަލާއަކީ ތިން ޤައުމަށް ވެސް ރައްދުވާ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އެ އެއްބަސްވުމުގެ މަޤްޞަދަކީ މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ތިން ޤައުމަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަށް ރައްދު ދިނުމުގައި ތިން ޤައުމުން އެއްބާރުލުން އިތުރުކުރުމެވެ.
ނަމަވެސް އެ އެއްބަސްވުމުގައި ޤައުމުތަކުން ޢަދާކުރާނެ އަސްކަރީ ދައުރު ބަޔާންކޮށްފައެއް ނުވެއެވެ. އަދި ތިން ޤައުމުން ކުރެ ޤައުމަކަށް ހަމަލާއެއް އަމާޒުވެއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ގޮތް ވެސް ބަޔާންކޮށްފައެއް ނުވެއެވެ. ތުރުކީވިލާތުގެ ފަރާތުން ބުނީ އެ އެއްބަސްވުމަކީ ހަމައެކަނި ދިފާޢީ އެއްބަސްވުމެއް ކަމަށާއި ސީދާ ވަކި ޤައުމަކަށް އަމަޒުކޮށް އެކުލަވާލާފައިވާ އެއްބަސްވުމެއް ނޫން ކަމަށެވެ.
އަދި ސަޢުދީ ޢަރަބިއްޔާއިން ބުނީ އެ އެއްބަސްވުމުން ތިން ޤައުމުގެ އަސްކަރީ އިއްތިޙާދެއް އުފެއްދުން ރަމްޒު ނުކޮށްދޭ ކަމަށެވެ.



