އެމެރިކާއިން އީރާނާއެކު ވެފައިވާ ޝަރުތުތައް ފުރިހަމަކުރަންދެން އެމެރިކާއާ އެއްވެސް ސީދާ މަޝްވަރާއެއް ނުކުރާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވިދާޅުވެއްޖެއެވެ.
ޢަރާޤްޗީ މިހެން ވިދާޅުވީ ބާބުލް މަންދަބުއާއި ހުރްމުޒް ކަނޑުއޮޅިއާ ބެހޭގޮތުން ޢުމާންއާއެކު ވެވޭ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާކަން ހާމަކުރައްވަމުންނެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، އެމެރިކާއިން ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކުރި ވަގުތީ އެއްބަސްވުމާ ޚިލާފުވަމުންދާހާ ހިނދަކު، އެމެރިކާއާއެކު އެއްވެސް ސީދާ މަޝްވަރާއެއް ނުކުރާނެއެވެ. އަދި އެފަދަ މަޝްވަރާއެއް ފެށެން އޮތީ އެއްބަސްވުމުގައި ހިމެނޭ މާއްދާތަކަށް އެމެރިކާއިން ފުރިހަމައަށް ކިޔަމަންތެރިވުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މެދުވެރިން ބޭނުންކޮށްގެން ދެގައުމުގެ ދެމެދުގައި ވާހަކަތައް ބަދަލުކުރެވެމުންދާ ކަމަށް އޭނާ ހާމަކުރިއެވެ.
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނާއި ޢުމާންއާއި ދެމެދު ވެވޭ އެއްބަސްވުން އޮތީ އެންމެ ފަހުގެ މަރުޙަލާގައި ކަމަށް ޢަރާޤްޗީ ވިދާޅުވިއެވެ. ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅި ވަގުތުން ހުޅުވިގެން ނުދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މެހެރު ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭނީ އެމެރިކާއިން އެހެނިހެން ޝަރުޠުތައް ފުރިހަމަކޮށް، ދަތުރުފަތުރަށް ކަނޑުއޮޅި ހުޅުވާލުމުން ބޭނުންކުރާނެ އައު ނުވަތަ ޚާއްޞަ ކަނޑުގެ މަގުތަކެވެ.
އީރާނުގެ ރައީސް މައްސޫދު ޕެޒްޝްކިއަން އިއްޔެ ވަނީ އެމެރިކާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އީރާނާއި އޮމާން ގުޅިގެން އެއްބަސްވާ އުޞޫލުތަކަށް ޢަމަލުކުރުމުގެ ބަދަލުގައި، ހުރްމުޒް ކަނޑުއޮޅީގައި އަމިއްލަ ގޮތުން އިތުރު ދަތުރުފަތުރުގެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތްކޮށް އެމެރިކާއިން ޖޫން މަހުގެ ފަހުމުނާމާ އާ ޚިލާފުވެފައިވާ ކަމަށެވެ.
ޖޫން 18 ގައި ޕާކިސްތާނާއި ޤަޠަރުގެ މެދުވެރިކަމާއެކު އީރާނާއި އެމެރިކާއިން ސޮއިކުރި ފަހުމުނާމާގެ ސަބަބުން ދެގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ސީދާ ޙަމަލާތައް ހުއްޓުމަކަށް އައިސް، ނިހާއީ އެއްބަސްވުމަކަށް ދިއުމަށް މަޝްވަރާތައް ފެށުނެވެ. ނަމަވެސް، ގަލްފުގެ ތެލާއި ގޭސް ބޭރުކުރާ އެންމެ މުހިންމު މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަލާމަތީ ކަންކަމާއި ދަތުރުފަތުރުގެ މިނިވަންކަމާ މެދު އުފެދުނު ޚިލާފުތަކާ ހުރެ މަޝްވަރާތައް ވަނީ މިވަގުތަށް ހުއްޓިފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، އީރާންއިން ދޫދީފައިވާ އެއްވެސް މާއްދާއެއް އެ ފަހުމުނާމާއަކުން ފެންނާކަށް ނޯންނާނެ ކަމަށެވެ. އަދި ތެހެރާން އޮތީ ސޮއިކުރި އެއްބަސްވުމުގައި ”ސާބިތުކަމާއެކު” ކަމަށްވެސް ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.




