ކޮލަމްބިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 20 އަށްވުރެ ގިނަ މީހުން މަރުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
7.3 މެގްނިޓިއުޑް ބާރުމިނުގައި ބިންހެލުން އައިސްފައިވަނީ ކޮލަމްބިއާގެ ވެރިރަށް، ބޮގޮޓާއާއި 250 މޭލު ދުރުގައި އޮންނަ ސަން ޖޯސޭ ޑެލް ޕަލްމާއަށެވެ.
މި ބިންހެލުން އައިސްފައިވަނީ ބިމުގެ 73 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ބޮޑެތި އިމާރާތްތައް ބިމާހަމަވެފައިވާއިރު، ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 26 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. މި ތިން ކުދިން މަރުވެފައިވަނީ ކަލިމާ އެލް ޑަރިއެން ސަރަހައްދުގައި ފާރެއް ވެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ބިންހެލުމުގެ އަސަރު މުޅި ކޮލަމްބިއާގެ އިތުރުން އަވަށްޓެރި ވެނެޒުއޭލާއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ބިންހެލުންތައް މޮނިޓާ ކުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބާރުގަދަ ބިންހެލުން އައިތާ ގަޑިއެއްހާ އިރު ފަހުން 5.0 މެގްނިޓިއުޑްގެ އިތުރު ލޮޅުމެއް (އާފްޓަރޝޮކެއް) ވެސް ވަނީ އެ ސަރަހައްދަށް އަތުވެފައެވެ.
މިއީ ފާއިތުވި ގަރުނެއްގެ ތެރޭގައި ކޮލަމްބިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ރެކޯޑްތަކުން ދައްކައެވެ.




