ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަސައްކަތަށް ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށް ޓޫރިޒަން އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
އަމީން ވަނީ ފަތުރުވެރިކަމުގެ އަހަރު ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މިފަދަ އަހަރެއް ބޭއްވުމުގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހުޅުވާލައި ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
ރާއްޖޭގެ ޤުދުރަތީ މާހައުލަކީ ފަތުރުވެރިކަމުގެ ވަނަވަރުގެ އެއްބައި ކަމަށްވާއިރު ދިވެހީންގެ މެހެމާންދާރީއަކީ ދުނިޔެ ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އޭނާ ވަނީ ދިވެހިންނަނީ ސިނާޢަތަށް އަންނަ ބަދަލުތަކަށް ނުހަނު އަވަހަށް ހޭނޭ ބައެއްކަން ފާހަގަކުރައްވާ ޒަމާނީ އީޖާދުތައް އަވަހަށް ބަލައިގަތުމުގެ ޤާބިލްކަން ދައްކާ ބައެއްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިވެހިންގެ ރީތި ރަނގަޅު ސިފަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ އަހަރުގެ މަސައްކަތް ފަށަނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަން ޓޫރިޒަމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ވިޒިޓާ ސާވޭގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވާ އަމީން ވަނީ ދިވެހިންގެ މެހެމާންދާރީގެ ފަތުރުވެރިން ރާއްޖޭ ދޫކޮށްދާއިރު ބުނާ ބަސްތަކުން އެނގިގެންދާކަމަށް ވިދާޅުވެފައެވެ.
”އެސާވޭގެ ނަތީޖާ ދައްކާގޮތުން 2025ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %85 އަށް ވުރެ މަތީ އިންސައްތެއެއް އަލުން އަނބުރާ ރާއްޖެއަށް އަންނަން ބޭނުންވޭ. މިސާވޭއިން ދައްކާގޮތުގައި %90 ގިނަ މީހުން ގާތްތިމާގެ މީހުންނާއި ރަށްޓެހިންނަށް ރާއްޖެއަށް އައުމަށް ރިކޮމެންޓް ކުރާނެ ކަމަށް ބުނެފައިވޭ. އަދި ގާތްގަނޑަކަށް %80 ވުރެ ގިނަ މީހުން ބުނަނީ، ޗުއްޓީގައި ދިވެހިރާއްޖޭގެ ތަޖުރިބާ އިންތިހާއަށް ހިތްހަމަ ޖެހޭ ކަމަށް. މިއަދަދުތަކުން ވަޒަން ކުރެވެނީ އަޅުގަނޑުމެން ފަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން.“ މިނިސްޓަރު ވިދާޅުވިއެވެ.




