ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ޖުޑީޝަލް ސާވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
ސިވިލް ކޯޓަށް ގާޒީން ހޯދުމަށް މިދިޔަ ޖުލައި މަހުގެ 21 ގައި ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އިންޓަވިއުއަށް ފަހު މަގާމަށް އައްޔަންކުރީ؛
° މުހައްމަދު ނިޝާތު، ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް،
° އާސިޔާ އަޒީމާ، ރ.ހުޅުދުއްފާރު، ރޯޒްވިލާ
މިދިޔަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހުން ފެށިގެން ނިޝާތު ހުންނެވީ ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމުގަ އެވެ. އޭނާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާސް އޮފް ލޯ އަދި މާސްޓާ އޮފް ލޯ ހާސިލު ކުރައްވައިފައެވެ.
ޝަރުއީ ދާއިރާއާ ގުޅުންހުރި މަގާމުތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާތު ވަނީ އެޓާނީ ޖެނަރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމާއި ލީގަލް އޮފިސަރުކަމާއި ސީނިއާ ލީގަލް އޮފިސަރުގެ މަގާމާއި ރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައެވެ.
އަޒީމާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އާއި ޔުނިވާސިޓީ އޮފް ބާމިންހަމް އިން މާސްޓާ އޮފް ލޯ ހާސިލު ކުރައްވައިފަ އެވެ. އަޒީމާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަގާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު އޮގަސްޓް 27، 2014 އިން ފެބްރުއަރީ 28، 2021 އަށް ފުރުއްވައިފައެވެ.



