ހދ. ނެއްލައިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އަސާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މުޅި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
ހައުސިންގް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ވަނީ މި ނިޒާމުތައް ޓެސްޓުކޮށް ކޮމިޝަންކުރުމުގެ މަރުހަލާ ވެސް ކާމިޔާބުކަމާ އެކު ފުރިހަމަކޮށްފައެވެ. މި މަރުހަލާގައި އެ ވުޒާރާގެ އިންޖިނިއަރުންނާއި، ފެނަކަ ކޯޕަރޭޝަން، ނެއްލައިދޫ ކައުންސިލްގެ އިތުރުން މަސައްކަތުގެ ކޮންޓްރެކްޓަރުން ވަނީ ޢަމަލީގޮތުން ޝާމިލުވެފައެވެ. އަދި މިހާރު ކުރިއަށްދަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އޮޕަރޭޓަރާ ނިޒާމު ހަވާލުކުރުމުގެ އެންމެ ފަހުގެ އިދާރީ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ތެރެއިން އެރަށުގައި ވަނީ ޒަމާނީ ފެންވަރުގެ ލެބޯޓަރީއަކާއި އިދާރީ އޮފީހެއް ހިމެނޭގޮތަށް އާރުއޯ ޕްލާންޓެއް ބިނާކޮށްފައެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް މި ޢިމާރާތުގެ ފުރާޅުގައި 21 ކިލޯވޮޓުގެ ސޯލާ ޕެނަލް ހަރުކޮށްފައިވާއިރު، ފެން އުފެއްދުމަށްޓަކައި ދެ ބޯހޯލް ވަނީ ތޮރުފާފައެވެ.
މީގެ އިތުރުން، ދުވާލެއްގެ މައްޗަށް 35 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ދެ އާރުއޯ ޕްލާންޓާއި، ރައްކާތެރިކަމާ އެކު ފެން ގުދަންކުރުމަށް 200 ޓަނުގެ ދެ ތާނގީ އަދި ވާރޭފެން ނެގުމަށް 200 ޓަނުގެ އިތުރު ތާނގީއެއް ވަނީ ބަހައްޓާފައެވެ.
މުޅި ރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި 8.8 ކިލޯމީޓަރުގެ ދިގު ފެނުގެ ވިއުގައެއް ގާއިމުކޮށްފައިވެއެވެ. ހަމައެއާ އެކު، 7.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް އަޅައި، ދެ ޕަންޕިން ސްޓޭޝަނާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ހަދާފައެވެ. ދިވެހި ދައުލަތާއި އޮފިޑް ގުޅިގެން ފަންޑުކުރި މި ބޮޑު މަޝްރޫޢު ހަވާލުކޮށްގެން ކުރިއަށްގެންދިޔައީ އާރްސީސީ އާއި އަލްޓެކް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކުންނެވެ.




