ލ. މުންޑޫގައި 2015 ވަނަ އަހަރު މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި މުހައްމަދު ޝަނޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ އަދަބު ދަމަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޒިޔަދަމް މަރާލީ 20 މާޗު 2015 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު، ”މުންޑޫ ވަގުތީ ހިޔާ“ ކައިރިން ހިންގި މާރާމާރީއެއްގައި، ވަޅިއަކުން ހަމަލާދީއެވެ.
މި މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް 2023ވަނަ އަހަރު ވަނީ ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ.
އެގޮތުން ހުކުމް ކޮށްފައިވަނީ ޝަނޫންގެ މައްޗަށާއި އަލީ ސިފާމްގެ މައްޗަށެވެ.
ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައެވެ. އަދި ސިފާމްގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
ސިފާމުގެ ފަރާތުން މި ހުކުމް އިސްތިއުނާފުކުރި އެވެ. އެކަމަކު ދަށު ކޯޓުގެ ހުކުމުގައި ގޯހެއް ނެތް ކަމަށް ނިންމައި، 2024ވަނަ އަހަރު ހައި ކޯޓުން އޮތީ އޭނާގެ ހުކްމް ދަމަހައްޓާފައެވެ.
ޝަނޫންގެ ފަރާތުން ހައި ކޯޓުގައި އޭނާގެ ހުކުމް އިސްތިއުނާފްކޮށްފައެއްނުވެ އެވެ. އެކަމަކު، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާ ހާލަތުގައި އެ އަދަބު ދެވޭނީ، ހައި ކޯޓާއި ސުޕްރީމް ކޯޓުން، އެ ހުކުމްގެ ސައްހަކަން ކަށަވަރުކޮށް، މަރަން ހުކުމް ކުރުމުންނެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމްގެ ސައްހަކަން ކަށަވަރުކުރަން ހައި ކޯޓަށް ދައުލަތުން ހުށަހެޅިއެވެ.
ޝަނޫންގެ މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމްގައެވެ.
އެ ހުކުމްގައި ބުނެފައިވަނީ:
° މި މައްސަލާގައި ހުށަހަޅާފައިވާ ހެކި ގަރީނާތަކަށް ބަލާއިރު، ގަސްތުގައި މީހަކު މަރާލިކަން ޝަނޫންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުކުރި ގޮތުގައި ޝަރުއީ އަދި ގާނޫނީ ގޯހެއް އޮތް ކަމަށް ގަބޫލެއްނުކުރެވޭ
° މަރުގެ އަދަބު ކަނޑައެޅުމުގައި ޒިޔަދަމްގެ ވާރިސުންގެ ބަސް ދަށު ކޯޓުން ނަގާފައިވަނީ ވެސް ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިން ކަމަށް ބުރަވެވޭ
ދައުވާގައިވާ ގޮތުން މި މާރާމާރީ ހިންގީ، ތިން މީހުން ވެގެން ކެއްކި ބަނގުރާ ބެހުމުގައި ދިމާވި މައްސަލަގަނޑެއްގެ ތެރެއިންނެެވެ.


