ޖަޕާނަށް ރެކޯޑު މިންވަރަކަށް ވާރޭވެހި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހަތަރު މީހުން މަރުވެ، އެކަކު ގެއްލިއްޖެއެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި، ވެރިރަށް ޓޯކިޔޯއާ އިންވެގެން އޮންނަ ޗިބާ ޕްރިފެކްޗަރަށް 24 ގަޑިއިރުގެ ތެރޭގައި 360 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ޗިބާގެ ގަވަރުނަރު ވިދާޅުވި ގޮތުގައި މިއީ މީގެ ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ އާދަޔާޚިލާފު ހާލަތެކެވެ.
މި ހާދިސާގައި ކާރެއްގެ ތެރޭގައި ތާށިވެގެން މީހަކު މަރުވެފައިވާއިރު، ގެދޮރުގައި ތާށިވެފައިވާ މީހުންނަށް އެހީތެރިވުމަށް ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ކަރަންޓުގެ ޚިދުމަތުން މަޙްރޫމުވެ، މަގުތައް ވަނީ ބަންދުވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ނަރީތާ އެއާޕޯޓުގައި 7,000 އަށްވުރެ ގިނަ މީހުން ތާށިވި ނަމަވެސް، ވައިގެ އުދުހުންތައް މެދުކަނޑައިލާފައެއް ނުވެއެވެ. މީގެ އިތުރުން، ގިނަ މަގުތަކެއް ބަންދުކުރަން ޖެހި، އެއްގަމު އުޅަނދުފަހަރު ތޮއްޖެހުނު ނަމަވެސް، ޗިބޯއާއި ޓޯކިޔޯއާ ދެމެދު ރޭލު ދަތުރުތައް އަލުން ފެށުމާއެކު، އެއާޕޯޓަށް ލުޔެއް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ޖަޕާނުގެ އެންމެ ބާރުބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް ކުރި މި ވިއްސާރައިގައި، އެއާޕޯޓުގައި ތާށިވި މީހުންނަށް ބޭނުންވާ ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މުވައްޒަފުން ދަނީ ކުރަމުންނެވެ.




