ޣައްޒާއާއި ޔޫކްރެއިން ހިމެނޭ ގޮތަށް ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ޞިއްޙީ މަރުކަޒުތަކަށާއި، ޞިއްޙީ މަސައްކަތްތެރިންނަށް އަދި ބަލިމީހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވަމުންދާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯއިން ބުނިގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނުތަކުން ހިމާޔަތްލިބޭ މިފަދަ ތަންތަނަށް ދުވާލަކު އެވަރެޖުކޮށް ހަތަރު ހަމަލާ ދެމުންދާއިރު، މި އަހަރުގެ ޖަނަވަރީން އޮގަސްޓަށް ދިން 900 އަށްވުރެ ގިނަ ހަމަލާގައި 900 އަށްވުރެ ގިނަ މީހުން މަރުވެ 1,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު އަލްޠަފް މުސާނީ ހާމަކުރެއްވި ގޮތުގައި އެންމެ ގިނައިން ހަމަލާތައް އަމާޒުވެފައިވަނީ ޔޫކްރެއިން، ލުބުނާން އަދި ފަލަސްޠީނަށެވެ. މީގެއިތުރުން އީރާން، ސޫދާން، މިޔަންމާ، ސޫރިޔާ، ނައިޖީރިޔާ އަދި ކޮންގޯގައިވެސް މިފަދަ ހަމަލާތައް ދީފައިވެއެވެ. މި ޢުދުވާންތަކުގެ ތެރޭގައި ބަރު ހަތިޔާރު ބޭނުންކުރުމާއި، މަރުކަޒުތައް ސުންނާފަތިކުރުމާއި، ޚިދުމަތްތެރިންނާއި ބަލިމީހުން ބަންދުކުރުމާއި ވަގަށް ނެގުން ހިމެނެއެވެ.
ޣައްޒާގެ 36 ހަސްފަތާލަކަށް ގެއްލުންދީފައިވާއިރު، މިހާރު ޚިދުމަތް ދެވެނީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހަސްފަތާލުންނެވެ. ސޫދާންގެ ޞިއްޙީ މަރުކަޒުތަކުގެ 37 އިންސައްތަ ބޭނުންނުކުރެވޭއިރު، ޔޫކްރެއިންގެ މަރުކަޒުތަކަށް 3,100 އަށްވުރެ ގިނަ ހަމަލާ ވަނީ ދީފައެވެ. އަދި ސޫރިޔާގައި ދިން ހަމަލާތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދާ ބަލިމީހުންގެ ޢަދަދު 51 އިންސައްތައަށް މަދުވެފައިވާކަން ދިރާސާތަކުން ދައްކައެވެ.
2018 ވަނަ އަހަރުން ފެށިގެން ޑަބްލިޔުއެޗްއޯއިން ރެކޯޑުކުރަން ފެށިފަހުން 29 ޤައުމެއްގައި ޞިއްޙީ ދާއިރާއަށް އަމާޒުކޮށް 10,400 އަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގައި 5,700 މީހުން މަރުވެ، 8,500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވީ ނަމަވެސް، މި ފެންވަރުގެ އެއްވެސް ޖިނާއީ ޢަމަލަކާ ގުޅިގެން ކުށްވެރިވާ ފަރާތެއް ޒިންމާދާރުކުރުވުމުގެ މަރުހަލާއެއް އަދި ފެށިފައި ނުވާކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.



