ލައިގެންހުރި ބޮކްސާތެރެއިން ނަގައި އެއްލާލި ދަޅަކުން މަސްތުވާތަކެތި ފެނުމުން، ޒުވާނަކު ހައްޔަރުކޮށް 15 ދުވަހަށް ޖަލަށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ކަނދުމާގެއާގެ، މާލެ / ސަމާޙް އަލީ (33އ.) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އެތަކެތީން ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރަން ނިންމާފައިވަނީ ކުށް ކުރިކަމަށް، ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ލިބިފައިވުމުންނެވެ.
އެގޮތުން ސަމާޙު ހުއްޓުވި ވަގުތު، އޭނާ ލައިގެންހުރި ބޮކްސާއާ ހަށިގަނޑާ ދޭތެރެއަށް ކަނާތް ލުމަށްފަހު ދަޅެއް ނަގައި މީލް ކްލަބް ރެސްޓޯރެންޓް ކައިރީ އިން ފުރާޅު މައްޗަށް އެއްލިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. ފުލުހުން އެކަމާ ގުޅޭގޮތުން އެނާއާ ސުވާލުކުރުމުން އެއީ އޭނާ ބޯން ގެންގުޅުނު މަސްތުވާތަކެތި ކަމަށް ފުލުހުން ގާތުގައި ބުނެ އިއުތިރާފުވި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އަދި ފުލުހުން އެ ދަޅު ނަގާ ބެލިއިރު އެ ދަޅު ތެރެއިން ނެގި ރަބަރު ޕެކެޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަަަބަރު ޕެކެޓާއި، އިތުރު ރަބަރު ޕެކެޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ޕެކެޓު ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.




