ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް އާދަމް ޝަމީމް މިއަދު އައްޔަންކޮށްފިއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝަމީމް އައްޔަންކުރީ، އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމުން ދެ ތިން މަސް ދުވަހު އެ މަގާމު ހުސްކޮށް އޮތުމަށް ފަހުއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝަމީމް ހިމެނިވަޑައިގަންނަވާހެން އެ މަގާމަށް ކުރިމަތިލެއްވީ 10 ބޭފުޅެކެވެ.
އާދަމް ޝަމީމަކީ ދިވެހިރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ފާހަގަކޮށްލެވޭ ވަކީލެކެވެ. މީގެއިތުރުން އޭނާއަކީ ”އާދަމް ޝަމީމް ލީގަލް“ ގެ ނަމުގައި ހިންގާ ލޯ ފާމްގެ މަސްއޫލުވެރިޔާއެވެ.
އާދަމް ޝަމީމަކީ 2012 ވަނަ އަހަރުން ފެށިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިވަޑައިގެންފައިވާ ވަކީލެކެވެ. ހައިކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވީ 24 ނޮވެމްބަރު 2013 ގައެވެ. އަދި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވީ 29 ޖެނުއަރީ 2019 ގައެވެ.
ޝަމީމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފީ މައްސަލަތަކުގައި އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ވަކީލެކެވެ. އަދި 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޑަހުވަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ.
މީގެއިތުރުން ވަކީލު ޝަމީމް ވަނީ މީގެ ކުރިން، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވުމަށް ކްރިމިނަލް ރެކޯޑު ސާފުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.



