މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގައި މާލޭ މާފަންނުގެ ގެއެއް ބަލާފާސްކޮށްފައިވާއިރު މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މ. ސޭންޑީހޮލޯ އުމުރުން 37 އަހަރުގެ އަބްދުﷲ އިނާޒް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 515.11 ގުރާމު ހުރިކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަބްދުﷲ އިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަަމަށެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



