އިންޑޮނީޝިއާ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 47 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީ (ބީއެންޕީބީ) އިން ހާމަކޮށްފިއެވެ.
ރިކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި މި ބިންހެލުމަށް ފަހު، ގިނަ އަދަދެއްގެ އިތުރު ލޮޅުންތަކެއް ވެސް އެ ސަރަހައްދަށް ވަނީ ކުރިމަތިވެފައެވެ.
މި ހާދިސާގައި އަނިޔާވި 13 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބީއެންޕީބީން ބުނީ ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތަކެއް ވެއްޓިފައިވާ އިރު، އިމާރާތްތަކުގެ ދަށުގައި އަދިވެސް ގިނަ ބަޔަކު ތާށިވެފައިވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ އިދާރާތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި، 900 އަށް ވުރެ ގިނަ ގެދޮރު ވަނީ ބިމާހަމަވެފައެވެ. މީގެ އިތުރުން ވެސް އެކި ބޭނުންތަކަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބި ވެއްޓިފައެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި އިންޑޮނީޝިއާގެ ހުޅަނގުގެ ބީމާ ރިޖެންސީ ސަރަހައްދުން 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސަލާމަތްކޮށް، ވަގުތީ ބޯހިޔާވަހިކަމުގެ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ.
އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކަމާގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.



