ރާއްޖެ އަށް ބޭނުންވާ ވެކްސިނާއި ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއާ އެކު ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން އިއްޔެ މަޝްވަރާކޮށްފިއެވެ.
ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ އަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާ އެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުސަތުތައް ދެނެގަނެ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.
ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަ އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންދީޕް މުލޭ ރާއްޖެ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި،ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އދ. ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުންޏެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ގިނަ ބާވަތްތަކެއްގެ ފެންވަރު ރަނގަޅު ވެކްސިން އެ ކުންފުނިން އުފައްދާ ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.


