މިއަހަރުގެ އޮގަސްޓް 5ވަނަ ދުވަހުގެ ރޭ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލިފައިވާ ކަމަށާއި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ބޭނުންކޮށްފައިވާ ކަމަށެވެ. މި ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލްކަންހުރި ޑްރޯންސް ކަމުގައިވާތީ، މި ޙާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށްޓަކައި ބޭނުންކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މީގެއިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ ބޭނުންކޮށްގެން، މި އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި ކަނޑުމަގުން ވަނީ މަސައްކަތް ކޮށްފައެވެ.
ދިވެހި ސަރުކާރުގެ އެދުމުގެމަތިން، އެމެރިކާ ސަރުކާރުން ވަނީ ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން ވަނީ އިއްޔެ ބަލާފައެވެ. މިއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްޞަ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން އިއްޔެ ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައެވެ.
ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކޮށްފައެވެ. ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ. އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑައެވެ. ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ. މިއީ އިންސާނުންނަށް ޑައިވިންގ ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށާއި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫންކަން އެމްއެންޑީއެފް އިން ފާހަގަ ކުރިއެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 16 އޮގަސްޓް 2026ވަނަ ދުވަހުގެ 18:00 ގެ ނިޔަލަށް ވައިގެ މަގުން 17،220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
ގެއްލިގެން ހޯދަމުން ދަނީ އެ ދޯނީގެ ކައްޕިކަމަށްވާ ތ. މަޑިފުއްޓަށް އުފަން، އުމުރުން 35 އަހަރުގެ މުހައްމަދު ހަމްދޫން އާއި ދޯނީގައި ތިބި މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ، 33 އަހަރުގެ ސާޖަންޓް އަލީ ނާފިއުއާއި އެމްއެންޑީއެފްގެ 39 އަހަަރުގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު އެވެ.



