ސާޖަރީތަކާއި ތަފާތު އޮޕަރޭޝަންތަކަށް ހޭނެއްތުމުގެ ފަރުވާއާއި ގުޅޭ ނަރުހުންނާއި ޓެކްނިޝަނުން ތަމްރީނުވުމުގެ ފުރުސަތު ރާއްޖޭގައި ތިބެގެން ހޯދުމަށް ސާކްގެ ޤައުމުތަކުގެ އެސޯސިއޭޝަންތަކާއެކު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ. އަޙުމަދު އަޝްރަފް ވިދާޅުވީ އެނެސްތެސިއޮލޮޖީ ދާއިރާއަށް ބޭނުންވާ ސްޕެޝަލައިޒްޑް ސިއްޙީ މަސައްކަތްތެރިން ރާއްޖޭގައި މަދުކަމަށެވެ. އަދި އަތޮޅުތަކުގައި ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހޭނައްތާ ޑޮކްޓަރުންގެ ގޮތުގައި މުޅިންވެސް މަސައްކަތްކުރަނީ ބިދޭސީންކަމަށާއި، ދިވެހިންގެ ގޮތުގައި މި ދާއިރާގައި ތިބީ 11 ސްޕެޝަލައިޒްޑް ޑޮކްޓަރުންނެވެ.
ޑރ.އަޝްރަފް ވިދާޅުވީ މި ދާއިރާގައި ސްޕެޝަލައިޒްޑް ޑޮކްޓަރުން، ނަރުހުން އަދި ޓެކްނީޝަނުން ބޭނުންވާކަމަށާއި، އެކަމުގައި ސަރަހައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯދަން މަސައްކްތަކުރާކަމަށެވެ.
ސާކްގެ ޤައުމުތަކުގެ އެނެސްތެސޯޝިއޮލޮޖީ އެސޯސިއޭޝަންތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ވަނީ، ރާއްޖޭގެ އާބާދިއާއި ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު އޮތްގޮތް ތަފްސީލްކޮށްދެއްވާފައެވެ. އަދި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ދާއިރާތަކުގެ ތަފްސީލް ޙިއްސާކުރެއްވިއެވެ.
އަދި އެންމެ މުހިންމުކަމެއްގެގޮތުގައި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް މެދުވެރިކޮށް، އެނެސްތިއޮލިޖީ ދާއިރާއިން ނަރުހުންނާއި ޓެކްނީޝަނުން ތަމްރީންކުރުމަށް މަޝްވަރާކުރެއްވިއެވެ.




