ދައުލަތުގެ ކުންފުނިތައް މާލީ ގޮތުން ހަރުދަނާކުރަން އެ ކުންފުނިތައް ”ރައިޓް ސައިޒް“ ކުރާއިރު ވަކިވާ މުވައްޒަަފުންނާއި ދައުލަތުގެ ވަޒީފާއަކުން އަމިއްލައަށް ވަކިވެ، އަމިއްލަ މަސައްކަތްތައް ފަށަން ބޭނުންވާ މީހުންނަށް ލޯނުދޭން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކޮށްފައިވާކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ހާމަކުރައްވައިފިއެވެ.
”ކުމެވި ފަންޑް“ގެ ނަމުން އެސްއެމްއީ ޑިޖިޓަލްގައި ގާއިމުކޮށްފައިވާ އެ ފަންޑަކީ، ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ގޮތެއް ހޯދައިދޭން ގާއިމްކުރި ފަންޑެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެ ފަންޑުން ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލް ބިޒް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައްޔާރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ހަސަތޭކަ މިލިއަން ރުފިޔާގެ ފަންޑެއް ގާއިމްކުރެވިފައިވާ ވާހަކަ އަޅުގަނޑު ދެންނެވީ އެއީ ކުދި ވިޔަފާރިތަކަށް އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް. އެހެންވީމާ ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު އަމިއްލަ މަސައްކަތެއް ކުރައްވަން ބޭނުންފުޅުވާ ނަމަ އެކަމަށް ޕްރޮޕޯސަލް ހުށަހެޅީމާ [ލިބޭ ގޮތަށް] އަޅުގަނޑުމެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް މި ފެސިލިޓީ މި ތައާރަފްކުރީ،“ މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އެ ފެސިލިޓީތައް ދޫކުރަން ބޭނުންވާ އެ ފައިސާއަކީ އެސްއެމްއީ ޑިޖިޓަލްގައި މިހާރު ވެސް ހުރި ފައިސާއެއް ކަމަށާއި ބޭނުމަކީ ވަޒީފާގައި ގެންގުޅުމުގެ ބަދަލުގައި އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.



