އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
މި ޓަވަރުތަކަކީ ސޯޝަލް ހައުސިންގްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެމުން ފެށި މަޝްރޫޢުއެވެ. އަދި މި މަޝްރޫޢުގެ ދަށުން އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރު ވަނީ ތަރައްޤީކޮށްފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، އަމާން ދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ޓަވަރުތަކުގައި މިހާރު ކެމެރާ ހަރުކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ނިމިފަވާކަމަށެވެ.
އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް، ޓެސްޓްކޮށް އަދި ސީސީޓީވީ އޮޕަރޭޝަންގެ އެންމެހާ އިންތިޒާމްތައްވެސް ވަނީ ނިންމާފައެވެ. އަދި އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމި، މިހާރު ކުރަމުންދަނީ ކެޕެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަންގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކެވެ.
މި މަސައްކަތަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނާއި އަދި އެ ސަރަޙައްދު ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެވެ. މި ސަރަޙައްދުތައް 24 ގަޑިއިރު ބަލަހައްޓަމުން ދާނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓަވަރުތައް ކައިރިއަށް ކުނި އަޅާ މައްސަލަކަން ފާހަގަވެއެވެ. ސީސީޓީވީ ކެމެރާތައް އޮޕަރޭޝަނަށް ގެނައުމާއެކު، ކުނި އަޅާ މީހުން ދެނެގަނެ އެފަދަ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.




