ޕާކިސްތާނުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރެއް ކަމަށްވާ އައިޝާ ގިލާމަނާ، އިސްލާމާއާބާދު ކައިރިން ބަޑިޖަހައި އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.
މީސްމީޑިއާގެ މަންސަތަކުގައި ”ޝަމްސޯ ބިބީ“ ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 28 އަހަރުގެ އައިޝާ ދަތުރުކުރަމުންދިޔަ ކާރަށް މި ހަމަލާ އަމާޒުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގައެވެ.
މި ހާދިސާގައި އޭނާގެ އަންހެން ކޮއްކޮއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަމަލާދިން ފަރާތްތަކުން ބަޑިޖަހާފައިވަނީ ސީދާ އައިޝާގެ ކާރަށެވެ. އަދި އޭނާއަށް ލިބުނު ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތަކަށް އަވަސް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވަނީ ނިޔާވެފައެވެ.
އިސްލާމާއާބާދުގެ ފުލުހުން ބުނިގޮތުގައި، ބެލެވެނީ މިއީ ވަރަށް ބޮޑަށް ރާވައިގެން ދީފައިވާ ހަމަލާއެެއްގެ ގޮތަށެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާއިރު، ފުރަތަމަ ތަހުގީގީ ރިޕޯޓުތަކުން ދައްކަނީ މި ހަމަލާއަކީ ފައިސާގެ މައްސަލައެއްގެ ތެރެއިން ދީފައިވާ ހަމަލާއެއް ކަމަށެވެ. ތަހުގީގު ޓީމުން މިހާރު ދަނީ ހާދިސާ ހިނގި ސަރަހައްދުން ބޭނުންވާ މުހިންމު ހެކިތައް އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން ޝައްކުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ހަމަލާދިނުމަށްފަހު ފިލައިގެން ގޮސްފައިވާ މީހުން ހޯދައި ހައްޔަރުކުރުމަށްޓަކައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް، ހާދިސާ ދުށް މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޓިކްޓޮކްގައި އެކަނިވެސް 1.3 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި އައިޝާ ގިލާމަނާ މަރާލުމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށް، މި އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލަމުންނެވެ.


