ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީއިން އިހުސާން ސަސްޕެންޑްކުރީ އިއްޔެއިން ފެށިގެން 60 ދުވަހަށެވެ.
އެ މައްސަލައިގައި އޭނާ ސަސްޕެންޑްކުރި ސަބަބު ޖޭއެސްސީއިން ފުރަތަމަ ހާމަކޮށްފައިނުވެއެވެ. ނަމަވެސް، އިހުސާން ސަސްޕެންޑް ކުރީ ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން، ދަންވަރުގަޑިއެއްގައި އަމުރު ނެރުމުން ކަމަށް ބައެއް މީޑިއާތަކުން އޮތީ ރިޕޯޓްކޮށްފައެވެ.
ޖޭއެސްސީއިން ރޭ ނެރުނު ބަޔާނުގައި ބުނީ އިހުސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެެވެ. އަދި މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި، ގާޒީ އިހުސާން މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ސަސްޕެންޑްކުރީ ކަމަށް ބުންޏެވެ.



