މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްކުރާ ފަރާތްތަކަށް 7 ދާއިރާއަކުން މާލީ އެހީތެރިކަން ލިބޭ ”އާރުވެރި“ މެޗިން ގްރާންޓް ސްކީމް އިފްތިތާޙްކޮށްފިއެވެ. މި ގްރާންޓްގެ ދަށުން ޖުމްލަ 278 މިލިއަން ރުފިޔާ އެކި ދައިރާތަކުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މެންހެޓަން ބިޒަނަސް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އާރުވެރި މެޗިން ގްރާންޓް އިފްތިތާޙްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.
މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު މަސްވެރިކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި ސްކީމްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ހިމެނެއެވެ. އަދި ނަފާވެރި ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ޤާއިމުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް މި ސްކީމުގެ މަޤްސަދެކެވެ.



