އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް، ހަ މަސް ފަހުން މިއަދަށް ތާވަލު ކޮށްފިއެވެ.
ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅިމަތީގައި އޭނާ އަނިޔާވެރި ގޮތަކަށް މަރާލީ 2017 ވަނަ އަހަރުގެ އޭޕްރިކް މަހުގައެވެ.
މި މައްސަލައިގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު، ކުށް ސާބިތުވިކަމަށް ކަނޑައެޅީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފައެވެ.
ހައިޝަމާއި ޒިހާންގެ މައްސަލަ އެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުންވަނީ އެ މައްސަލައިގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގައިފައެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމާއެކު އެ ދެމީހުންވެސް ވަނީ މިނިވަން ކޮށްފައެވެ.
އެ ދެމީހުން މިނިވަން ކުރުމާއެކު ހަމައެދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިޝަމާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
އެ ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ހައިޝަމާއި ޒިހާން މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
ހައިކޯޓުގެ އެންގުމާ އެއްގޮތަށް، އެ މައްސަލަ އަލުން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. މައްސަލަ އަލުން ބަލަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ބަލަން ފެށި ބެންޗުގައި ހިމެނެނީ ގާޒީ އިބްރާހިމް އިހުސާން، ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ.
ފެބްރުއަރީ މަހު، މައްސަލަ އަލުން ބަލަން ފެށުމަށް ފަހު، މިއަދަށްވަނީ މައްސަލައިގެ ދެވަނަ އަޑު އެހުން ތާވަލުކޮށްފައެވެ. މި މައްސަލަ ކުރިއަށް ގެންދަނީ އޮންލައިންކޮށް ވަގުތުން ދައްކާ ގޮތަށެވެ.
ފުލުހުންނާއި އެ މައްސަލަ ބެލި މަރު ކޮމިޝަނުން ބުނެފައިވަނީ، ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުން ކަމުގައެވެ.



