ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށެވެ. ރާއްޖޭގެ ފެނުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށްޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫޢުކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެއިތުރުން ފަހުމީ ވިދާޅުވީ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ޤާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެންކަމަށެވެ.
މިހާރު މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި އެންވަޔަރަމަންޓަލް ދިރާސާތައް ކުރަމުންދާ ކަމަށާއި މި ހުރިހާ މަރުހަލާއެއް ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.



