ޢިރާޤުގެ އެދުމުގެ މަތިން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އެ ޤައުމުގެ ތެޔޮ އުފުލާ އުޅަނދުތަކަށް ދަތުރުކުރުމުގެ ޚާއްޞަ ހުއްދައެއް އީރާނުން ދީފިއެވެ.
މިކަން އީރާނުގެ ރަސްމީ މީޑިއާއާއި ޢިރާޤުގެ ރައީސް ނިޒާރު އާމީދީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މި ހުއްދައަށް ޢިރާޤުން އެދުނީ އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޢިރާޤަށް ކުރެއްވި ދަތުރުފުޅުގައެވެ.
ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރުގެ ދަތުރުފަތުރު މަދުވެ، ދަތުރުކުރާ އުޅަނދުތަކައް ނުރައްކާ ބޮޑުވެފައިވާއިރު، އީރާނުން ހުރްމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮއްލުމުން އެންމެ ބޮޑު އަސަރެއް ކުރި އެއް ގައުމަކީ ޢިރާޤުއެވެ.
މެދިއިރުމަތީގެ ހަނގުރާމަ ފެށުމުގެ ކުރިން ޢިރާޤުން ދުވާލަކު 4 މިލިއަން ފީފާގެ ތެޔޮ އުފައްދަމުން ދިއައެވެ.
ޢިރާޤުގެ ބޮޑުވަޒީރު އަލް-ޒަޔިދީ އީރާނަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ އިންތިޒާމުތަކާ ގުޅޭގޮތުންނާއި އިޤްތިޞާދީ އަދި ޢުމްރާނީ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެ އިތުރުން ހުރްމުޒްގެ އައު މަގުތަކާ ގުޅޭގޮތުން އީރާނާއި ޢުމާނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އިންޒާރުތައް ނިމުމަކަށް ގެނައުމުން ކަމަށް އީރާނުން ބުނެއެވެ.



