އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ޢަބްދުލްޢަޒީޒުގެ ނަން އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރުމަށް ފޮނުވާފައިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުން އެދިވަޑައިގެން ރައީސް އޮފީހުން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
ޢަބްދުލްޢަޒީޒުއަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށް ފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރަކަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރެއްވީ 22 ޖުލައި 2014 ގައެވެ. އެ މަޤާމުގައި އޭނާ ހުންނެވީ 22 ޖުލައި، 2019އާ ހަމައަށެވެ.
ޢަބްދުލްޢަޒީޒުއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އަދާކުރެއްވުމުގެ އިތުރުން، ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.




