ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު އައްޔަންކުރައްވައިފިއެވެ.
އާޒިމާ އެ މަގާމަށް އައްޔަނު ކުރައްވާފައިވާކަން ރައީސް އޮފީހުން ވަނީ ”ސައުވީސް“ އަށް ޔަގީން ކޮށްދެއްވާފައެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމުގައި އާޒިމާ މަސައްކަތް ކުރައްވަން ފެއްޓެވީ މިއަދުއެވެ.
ކުރިން މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމަށް ހޮވިވަޑައިގަތުމުން، އާޒިމާ ވަނީ މާލޭގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާފައެވެ. ނަމަވެސް އެ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމެވެ.
އާޒިމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.



