ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައި 15 ތުއްތުކުދިން މަރުވެއްޖެއެވެ.
އޮފިޝަލުންނާ ހަވާލާދީ ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ހޮސްޕިޓަލުގެ ނާސަރީގައި 16 ތުއްތުކުދިން ތިއްބެވެ. ނަމަވެސް، އަލިފާނުގެ ސަބަބުން ސަލާމަތް ކުރެވިފައި ވަނީ އޭގެ ތެރެއިން އެންމެ ކުއްޖެކެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި އަލިފާން ރޯވާން މެދުވެރިވީ ނާސަރީގައި ހުރި އެއަރ ކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވައިގެންނެވެ. އެ އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ.
ޕާކިސްތާނުގައި މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ. އެގޮތުން، މި އަހަރުގެ ޖަނަވަރީ މަހު ކަރާޗީގައި ހުންނަ ފިހާރަބަރިއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 67 މީހުން މަރުވެފައިވާއިރު، 2021 ވަނަ އަހަރު ކަރާޗީގެ ކުޑަ ކާރުޚާނާއެއްގައި އަލިފާން ރޯވި ހާދިސާއެއްގައި 16 މީހުން ވަނީ މަރުވެފައެވެ.



