ރަޝިއާއިން ދެމުންގެންދާ ހުއްޓުމެއްނެތް ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ރަޝިއާގެ ސަރަޙައްދުތަކަށް އަމާޒުކޮށް ދޭ ދުރުރާސްތާގެ ޑްރޯން ހަމަލާތައް ދުވާލަކު 1،000 އަށް އިތުރުކުރުމަށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ރާވަމުންދާ ކަމަށް އެ ޤައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހާމަކުރައްވައިފިއެވެ.
މިއީ މިހާރު ދުވާލަކު ފޮނުވަމުންދާ ކަމަށް ބެލެވޭ 300 ޑްރޯނާ އަޅާބަލާއިރު ތިންގުނަ ބޮޑު އިތުރުވުމެކެވެ.
”އަދިވެސް އިތުރުކުރަންޖެހޭ. ޙާޞިލްކުރަން ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް އެބައޮތް، އަދި އަޅުގަނޑުމެން މި މަސައްކަތް ފުރިހަމަކުރާނަން،“ ހުކުރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ ސީއައިއޭގެ ވެރިޔާ ޖޯން ރެޓްކްލިފް މޮސްކޯއަށް ކުރެއްވި ސިއްރު ޒިޔާރަތާ ގުޅިގެން ލިބުނު މުހިންމު މަޢުލޫމާތުތަކަށްޓަކައި ޒެލެންސްކީ ވަނީ އެމެރިކާއަށް ޝުކުރު އަދާކުރައްވާފައެވެ. ރަޝިއާގެ ޖާސޫސީ އިސް އޮފިޝަލުންނާ ރެޓްކްލިފް ބައްދަލުކުރެއްވި ނަމަވެސް، ރައީސް ވްލެޑިމީރް ޕޫޓިންއާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށް ރަޝިއާއިން ބުނެއެވެ.
ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ ވާހަކަތައް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި ރަޝިއާއިން ވަނީ ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ވެރިރަށް ކީވް ސަރަޙައްދުން އެކަކު މަރުވެ ދެ މީހުން ޒަޚަމްވެފައިވާއިރު، ސުމީ ސަރަޙައްދަށް ދިން ޑްރޯން ހަމަލާއެއްގައި 61 އަހަރުގެ މީހަކު މަރުވެ އިތުރު ހަތް މީހަކު ވަނީ ޒަޚަމްވެފައެވެ.
އަދި ޔޫކްރެއިނުގެ ދެކުނުގެ ޚޭރްސަން ސަރަޙައްދަށް ދިން ހަމަލާތަކުގައި 61 އަހަރުގެ މީހަކު މަރުވެ، ކުޑަކުއްޖަކާއެކު 11 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ޚާރްކިވް ސަރަޙައްދަށް އަމާޒުކުރި ހަމަލާތަކުގައި ދެ ޒުވާނަކު މަރުވެ، ދެ ކުޑަކުދިން ހިމެނޭހެން 13 މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޔޫކްރެއިނުން ވަނީ މި ހަމަލާތަކުގެ ރައްދެއްގެ ގޮތުން، ހަނގުރާމައިގެ ކުރީ ސަފާ 1،000 ކިލޯމީޓަރު ދުރުގައިވާ ރަޝިއާގެ ޔާރޮސްލާވްލްގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ހަމަލާދީފައެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި ރަޝިއާގެ ތެޔޮ ގުދަންތަކަށާއި އެތެރޭގެ އުފެއްދުންތަކަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން، ރަޝިއާގެ ތެލުގެ ސަޕްލައިއަށާއި، އެކްސްޕޯޓް އާމްދަނީގެ އިތުރުން ރޮކެޓް އިންޖީނު އުފައްދާ ކާރުޚާނާތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.




