ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި ބަންދުވި ހޮހަޅައެއްގެ ތެރޭގައި ތާށިވެފައި ތިބި ދެ މީހަކު، ހާދިސާ ހިނގިތާ ނުވަ ދުވަސް ފަހުން ދިރިތިއްބާ ކާމިޔާބުކަމާއެކު ސަލާމަތްކޮށްފިއެވެ.
މި ދެ މީހުން ފެނިފައިވަނީ ފެނުން ކަރަންޓު އުފައްދާ ”އަޕަރ ތްރިޝޫލީ 3އޭ“ހައިޑްރޯޕަވަރ ސްޓޭޝަނުގެ ހޮހަޅައިގެ ތެރެއިންނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ނޭޕާލުގެ ފަރުބަދަމަތީ ސަރަޙައްދަކުން ގްލޭސިޔަރެއް ކަނޑައިގެން ދިޔުމާ ގުޅިގެންނެވެ. އޭގެ ސަބަބުން ހިމާލަޔާ ފަރުބަދަތަކާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމު ފުރިބަންޑުންވެ، ވާދީތަކަށް ހިލައާއި ގަނޑުފެން އަދި ކިސަޑު ވަނީ ފައިބައިފައެވެ.
މި ހާދިސާގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.
ހޮހަޅައިން ސަލާމަތްކުރެވުނު ދެ މީހުންގެ ވަނަވަރާއި ސިއްޙީ ހާލަތު ނޭޕާލްގެ ހަކަތައާ ބެހޭ ވަޒީރު ބިރާޖް ބަކްތާ ޝްރެސްތާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި، ސަލާމަތްކުރެވުނު އެކެއްގެ އަތާއި ފައި ހަރަކާތް ނުކުރެވޭއިރު، ދެވަނަ މީހާއަށް ލިބިފައިވާ އަނިޔާތައް ސީރިއަސްއެއް ނޫނެވެ. މިހާރު މި ދެ މީހުންނަށް ދަނީ ވެރިރަށް ކަތުމަންޑޫގެ ހަސްފަތާލެއްގައި ފަރުވާ ދެމުންނެވެ.
ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހައިޑްރޯޕަވަރ ސްޓޭޝަންތަކުގެ ހޮހަޅަތައް ބަންދުވެފައިވާއިރު، އެ ތަންތަނުގެ އެތެރޭގައި 900 އަށްވުރެ ގިނަ މީހުން ތާށިވެފައިވާނެ ކަމަށް ނޭޕާލްގެ އިދާރާތަކުން ލަފާކުރެއެވެ.
ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.


