2013 ވަނަ އަހަރު ސްރީލަންކަން އެއަރލައިންސަށް 2.3 ބިލިއަން ޑޮލަރުގެ އެއަރބަސް މަތިންދާބޯޓު ގަތުމުގެ މުޢާމަލާތާ ގުޅިގެން ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި މަޖިލިސް މެންބަރު ނަމާލް ރާޖަޕަކްސަ އެ ޤައުމުގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީން ވަނީ ހައްޔަރުކޮށްފައެވެ.
ބައިނަލްއަޤްވާމީ ތަޙުޤީޤުތަކުން ދައްކާ ގޮތުގައި އެއަރބަސް ކުންފުނިން ވަނީ 16 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމަށް އެއްބަސްވެ، އޭގެ ތެރެއިން 1.7 މިލިއަން ޑޮލަރު އެއަރލައިންގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދުރަސޭނާއަށް ދީފައެވެ.
އަދި އޭނާ ރާޖަޕަކްސައަށް ފައިސާ ދެއްވި ކަމަށް ބުނެ ކުރިން ބަޔާން ދިން ނަމަވެސް ފަހުން އެ ވާހަކަ އަނބުރާ ގެންގޮސްފައިވާއިރު، ފާއިތުވި މޭ މަހު ޗަންދުރަސޭނާ ވަނީ ނިޔާވެފައި އޮއްވާ ފެނިފައެވެ.
ރާޖަޕަކްސަ ޢާއިލާއިން މި ތުހުމަތުތައް ދޮގުކޮށް މިއީ ސިޔާސީ ކަމެއް ކަމަށް ބުނަމުންދާއިރު، ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައިވާ ޤައުމީ އެއަރލައިންގެ މި ޚިޔާނާތުގައި ބައިވެރިވި އެހެން ފަރާތްތައް ހޯދުމުގެ މަސައްކަތް ލަންކާގެ ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.



