ބަންގްލަދޭޝްގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި ބަލީގައި މަރުވި ކުޑަކުދިންގެ އަދަދު 986 އަށް އަރައިފިއެވެ.
އެ ޤައުމުގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މާޗް މަހުން ފެށިގެން މިހާތަނަށް މި ބަލީގައި މަދުވެގެން 986 ކުދިން ވަނީ މަރުވެފައެވެ. އަދި ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަދި ބަލި ކަށަވަރުވެފައިވާ ކުޑަކުދިންގެ އަދަދު މިހާރު ވަނީ 180،000 އަށް ވުރެ މައްޗަށް އަރާފައެވެ.
ގާތްގަނޑަކަށް 170 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދެކުނު އޭޝިއާގެ ބަންގްލަދޭޝްގައި ހިމަބިއްސާ ދެކޮޅަށް ގިނަ އަދަދަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައިވީ ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް މި ބައްޔަށް ޝައްކުކުރެވޭ 1،000 އަށް ވުރެ ގިނަ ކޭސް އަންނަނީ ރިޕޯޓް ކުރެވެމުންނެވެ.
އެޕިޑެމިއޮލޮޖިސްޓެއް އަދި އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ، ޑިޒީސް ކޮންޓްރޯލް އެންޑް ރިސާޗް (އައިއީޑީސީއާރު) ގެ ކުރީގެ ޑިރެކްޓަރު މަހްމޫދުރު ރަހުމާން ވިދާޅުވީ، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ބަންގްލަދޭޝް އިން ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގަން ވިސްނަން ޖެހޭ ކަމަށެވެ.
މީގެއިތުރުން، މި ބައްޔާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަކީ ވެސް ނުހަނު މުހިންމު ކަމެއް ކަމަށް ރަހުމާން ފާހަގަކުރެއްވިއެވެ. އެގޮތުން ބަލިޖެހިފައިވާ ކުދިން އެކަހެރިކުރުމާއި، ގިނަގިނައިން އަތްދޮވުމުގެ އިތުރުން ބަލިމީހުން ބަލަހައްޓާ ފަރާތްތަކުން މާސްކް އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.



