ދެވަނަ ދަރިފުޅަކަށް އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ރަންވީރް ސިންގް، އެމީހުންގެ ދަރިފުޅު ދުއާ ޕަދުކޯން ސިންގް އާއެކު ނަގާފައިވާ ޚާއްސަ ފޮޓޯތަކެއް ރޭގައި އާންމުކޮށްފިއެވެ.
އެ ފޮޓޯތައް ރޭގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އޭގެން ފެންނަނީ މާބަނޑު ހާލަތުގައި އިން ދީޕިކާ ވަރަށް އުފާވެރި ހިނިތުންވުމަކާއެކު އޭނާގެ ފިރިމީހާ އަދި ދަރިފުޅާއެކު އިން މަންޒަރެވެ.
ދީޕިކާ އާއި ރަންވީރު ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިޓަލީގައެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު، ދުއާ އުފަންވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގައެވެ.
ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން ދީޕިކާ އާއި ރަންވީރު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގައެވެ. އެދުވަހު އެކަން ސޯޝަލް މީޑިއާގައި އާންމުކުރީ، ދުއާގެ އަތަށް ޕްރެގްނެންސީ ކިޓެއް ދީފައި، އެ ދެމަފިރިންގެވެސް އަތާއެކު ނަގާފައިވާ ފޮޓޯއަކުންނެވެ. އެ ކިޓުން ދައްކުވައިދެނީ ޕްރެގްނެންސީ ”ޕޮޒިޓިވް“ ކަމުގެ ފާހަގައެވެ.
މަންމައަކަށް ފުރަތަމަވީ ފަހުން ދިޕިކާ ވަނީ އޭނާ މަސައްކަތް ކުރާ ވަގުތަށް ބަދަލު ގެނެސް، ފުވާލަކު 8 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ މީހުން ދިޕިކާއަށް ފާޑުކިޔައި، އޭނާއަށް ދިން ވަރަށް ގިނަ ޕްރޮޖެކްޓުތަކުން ވެސް ވަކިކުރިއެވެ.


