ދިވެހި އުފެއްދުންތެރިންނާއި މަސައްކަތްތެރިންގެ ފަންނުވެރިކަން އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ ”ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026“ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ދައްކާލާފައިވާ އުފެއްދުންތައް ބައްލަވާލައްވާފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި، ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، އުފެއްދުންތެރިންގެ އަގުވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތެރިކަން ކުރިއެރުވުމަށް މި މައުރަޒު ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ނުވަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީވި ނަމަވެސް، ޖުމްލަ 419 ފަރާތަކުން ވަނީ 4,404 އުފެއްދުން ބައިވެރިކޮށްފައެވެ. މިއީ މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މިއަހަރު ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އަމިއްލަ ފަރުދުންގެއެވެ. އެގޮތުން 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމްޢިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ބައިވެރިވެފައިވެއެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި މައުރަޒުގައި އެންމެ ގިނައީ ސަގާފީ އަތްތެރި މަސައްކަތުގެ އުފެއްދުންތަކެވެ. އެ ދާއިރާއިން 1,695 އުފެއްދުން ހިމަނާފައިވާއިރު، ދެވަނައަށް އެންމެ ގިނަ އުފެއްދުން ހިމެނޭ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާއިން 920 އުފެއްދުން ވަނީ ބައިވެރިކޮށްފައެވެ. މީގެއިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލާފައެވެ.
މިއަހަރުގެ މައުރަޒުގައި ތަކެތި ދައްކާލުމަށްޓަކައި 7 ޑިސްޓްރިކްޓެއް ވަނީ ޤާއިމުކޮށްފައެވެ. މީގެތެރޭގައި މިދިޔަ އަހަރު ހިމެނުނު ވާދަކުރުމުގެ ބައިގެ ޑިސްޓްރިކްޓާއި، ކްރިއޭޓިވް އިކޮނޮމީ، ޑިޖިޓަލް އެންޑް އިނޮވޭޓިވް، އެންޓަރޓައިންމަންޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓްގެ އިތުރުން މުޅިން އަލަށް ތަޢާރަފްކުރި ދެ ޑިސްޓްރިކްޓް ކަމަށްވާ ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓް ހިމެނެއެވެ.
މި މަހުގެ 25 އިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.



