ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އެތަކެތި އަތުލައި ގަނެފައިވަނީ، މިމަހުގެ 24 ވަނަ ދުވަހުއެވެ.
ކަސްޓަމްސްއިން އަތުލައިގަނެފައިވާ މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، މިކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައެވެ.



