ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީ ލަންކާގެ ދެހިވަލާގައި ހުރި ގެއަކަށް ރޭ ފަތިހު ބަޔަކު ދިން އަތުބޮމުގެ ހަމަލާއެއްގައި އެ ގޭގައި ތިބި ދެ ފިރިހެން ކުދިން މަރުވެއްޖެއެވެ.
ލަންކާގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ދެހިވަލާގެ ކަވްޑާނަ އަވަށުގެ ސިރީސަންގަބޯ މާވައްތާގައި ހުންނަ ގެއަކަށެވެ. މި ހަމަލާގައި މަރުވެފައިވަނީ ލަންކާގެ އުމުރުން 11 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.
ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، 11 އަހަރުގެ ކުއްޖާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. އަދި އޭނާގެ 17 އަހަރުގެ ބޭބެ މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. މީގެއިތުރުން، މި ހަމަލާގައި އިތުރު ދެ ކުއްޖަކަށާއި މަރުވި ކުދިންގެ އުމުރުން 55 އަހަރުގެ ބައްޕައަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާތީ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަލާ ދީފައިވަނީ ތްރީވީލަރެއްގައި ދިޔަ ބައެކެވެ. ފުލުހުން މިހާރު ދަނީ އެ މީހުން ހޯދުމުގެ މަސައްކަތާއި މި ހާދިސާގެ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.



