އެމެރިކާގެ ލޮސް އެންޖެލިސް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މަންޒަރުތައް ވައިގެ މަގުން ކަވަރުކުރުމުގައި ހަރަކާތްތެރިވި މީޑިއާ ހެލިކޮޕްޓަރެއް ވެއްޓި، ތިން މީހުން މަރުވެ އިތުރު ދެ މީހަކު ޒަޚަމްވެއްޖެއެވެ.
އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު މި ހާދިސާ ހިނގާފައިވަނީ ސަން ފަރނާންޑޯ ވެލީގެ ޗެޓްސްވާތުގައި ހުންނަ ބޮޑު ގުދަނެއްގެ ކައިރިއަށެވެ. ވެއްޓިފައިވަނީ އެންބީސީ އަދި ޓެލެމުންޑޯ އިން ބޭނުންކުރަމުންދިޔަ ”ނިއުސްޗޮޕަރ4“ އެވެ.
މި ހެލިކޮޕްޓަރު ވައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ އެ ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން ކާރަކާއި ސިޓީ ބަހެއް ޖެހި، ދެ މީހުން މަރުވެ އިތުރު ހަ މީހަކު ޒަޚަމްވި ހާދިސާ ކަވަރުކުރުމަށެވެ. އެންބީސީ4 ލޮސް އެންޖެލިސްގެ ޕްރެޒެންޓަރު ކޮލީން ވިލިއަމްސް ލައިވް ބްރޯޑްކާސްޓްގައި ހެލިކޮޕްޓަރު ވެއްޓުނުކަން ކަށަވަރުކޮށްދެއްވި އިރު، މަރުވި މީހުންގެ ތެރޭގައި ’އެންޖެލް ސިޓީ އެއަރ‘ ގެ ފަރާތުން މަސައްކަތްކުރި ރިޕޯޓަރު އެލިއާނާ މޮރޭނޯ އަދި ޕައިލެޓް ޖޯޖް މާސިނިއު ހިމެނޭކަން ފަހުން އެ ސްޓޭޝަނުން ވަނީ ހާމަކޮށްފައެވެ.
ލޮސް އެންޖެލިސް ފަޔަރ ޑިޕާޓްމަންޓުގެ ތަރުޖަމާނު ކެޕްޓަން ބްރެންޑަން ސިލްވަރމަން ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓުމާއެކު ރޯވި އަލިފާނުގައި އެ އުޅަނދު އެއްކޮށް އަނދައި އަޅިއަށް ވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރެއިން އެކަކު ފެނުނީ އިމާރާތެއްގެ ބޭރު ޕާކިންގ ސަރަޙައްދުންނެވެ.
މި އަލިފާނުގެ ސަބަބުން ކައިރީގައި ހުރި ހަތަރު ކާރަކަށާއި ދެ ކޮންޓޭނަރަކަށް ގެއްލުން ލިބުނު ނަމަވެސް، 70 އަށްވުރެ ގިނަ ފަޔަރފައިޓަރުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އަދި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ.



