ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރެފައިވާ ޔުނިކޯޑް ސްޓޭންޑަރޑްގެ ވަރޝަން UNICODE 18.0 ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. މި ބަދަލާއެކު ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަ ކޯޑް ޕޮއިންޓެއް ވަނީ ކަނޑައަޅާފައެވެ.
އެމްއެމްއޭ އިން މައުލޫމާތު ދެއްވި ގޮތުގައި، 16 ސެޕްޓެންބަރު 2026 ގައި ނެރުނު މި ވާރޝަންގައި ދިވެހި ރުފިޔާގެ ނިޝާނަށް ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ. އެ އޮތޯރިޓީން 2022 ވަނަ އަހަރު ތައާރަފުކުރި ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް ސްޓޭންޑަރޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް ވަސީލަތްތަކުގައި މި ނިޝާން ފަސޭހަކަމާއެކު ބޭނުންކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
މި ނިޝާން ޔުނިކޯޑްގައި ހިމެނުމާއެކު ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތައް އަދި އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ މަގު ފަހިވެގެންދާނެއެވެ. ނަމަވެސް، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މި ނިޝާން އަމަލީ ގޮތުން ބޭނުންކުރެވެން ފެށޭނީ ސިސްޓަމްތަކަށް ދެން އަންނަ އަޕްޑޭޓްތަކާ އެކުގައެވެ.
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމަށްޓަކައި އެ އޮތޯރިޓީއަށް އެކި ގޮތްގޮތުން އެހީތެރިވެ މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.



