ޣައްޒާގެ ހަތް ބުރީގެ އިމާރާތެއް ކުއްލިއަކަށް ވެއްޓި، އޭގައި ހިޔާވަހިކަން ހޯދަމުންދިޔަ ފަލަސްޠީނުގެ 16 މީހަކު މަރުވެ ފަސް ކުޑަކުދިން ހިމެނޭހެން 14 މީހަކު ޒަޚަމްވެއްޖެއެވެ.
މަދުވެގެން 10 އާއިލާ ދިރިއުޅެމުންދިޔަ އެ އިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުގައި 100 އަށްވުރެ ގިނަ މީހުން ތާށިވެފައިވާ ކަމަށް ބެލެވޭއިރު، އަޑިން އަދިވެސް މީހުންގެ އަޑު އިވެމުންދާތީ ސަލާމަތީ ފަރާތްތަކުން ދަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
ޔަހޫދީންގެ ޢުދުވާނުގައި ގެއްލުން ލިބިފައިވާ 2،000 އަށްވުރެ ގިނަ އިމާރާތުގައި 10،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، މީހުން ސަލާމަތްކުރުމަށް ބޭނުންވާ ބަރު މެޝިނަރީ އެތެރެކުރުމަށް ޔަހޫދީން ވަނީ ހުރަސްއަޅާފައެވެ. މިކަމުގެ ސަބަބުން ސަލާމަތީ ޓީމުތަކުން އަމިއްލަ އަތުން ކޮންކްރީޓްތައް ސާފުކުރަން ޖެހިފައިވާއިރު، ފިނި މޫސުމުގެ ވިއްސާރައާއެކު ވެއްޓުމުގެ ނުރައްކާ އޮތް 400 އަށްވުރެ ގިނަ އިމާރާތް ވެއްޓިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އދ. އިން ހާމަކުރާ ގޮތުގައި ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި 61 މިލިއަން ޓަނުގެ ކުނި ޖަމާވެފައިވާއިރު، އެ ތަކެތި ސާފުކުރަން ގާތްގަނޑަކަށް 7 އަހަރު ނަގާނެއެވެ.
މީގެއިތުރުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި 1،300 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެއްބަސްވުމާ ޚިލާފުވަމުންދަނީ ސީދާ ޔަހޫދީ ސަރުކާރުން ކަމަށް ޙަމާސްއިން ވަނީ ބުނެފައެވެ.




