ސާބިޔާގެ ކިބައިން މިނިވަންވުމަށް ކޮސޯވޯއިން ކުރި ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން، ކޮސޯވޯގެ ކުރީގެ ރައީސް ހަޝީމް ތާޗީ 25 އަހަރަށް ޖަލަށް ލުމަށް ދަ ހޭގްގެ ކޮސޯވޯ ސްޕެޝަލިސްޓް ޗެމްބަރސް (ކޭއެސްސީ)އިން ހުކުމްކޮށްފިއެވެ.
އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ 1990ގެ ފަހުކޮޅު ކޮސޯވޯ ލިބަރޭޝަން އާމީ (ކޭއެލްއޭ)ގެ އިސް ކޮމާންޑަރަކަށް ހުންނެވި ދުވަސްވަރު ގަސްދުގައި މީހުން މެރުމާއި، އަނިޔާ ދިނުމާއި އަދި ޤަވާއިދާ ޚިލާފަށް މީހުން ހައްޔަރުކޮށް ބަންދުކުރި ކަމުގެ ކުށް ސާބިތުވުމުންނެވެ.
އެ ދުވަސްވަރު ސިޔާސީ ވާދަވެރިންނާއި ސާބިޔާގެ ސަލާމަތީ ބާރުތަކަށް އެހީތެރިވި ކަމަށް ތުހުމަތުކުރެވުނު 96 މީހަކު މަރާލާފައިވާ ކަމަށް ކޯޓުން ބުނި ނަމަވެސް، ތާޗީ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.
މި މައްސަލައިގައި ތާޗީގެ އިތުރުން ކޭއެލްއޭގެ ކުރީގެ ތިން ކޮމާންޑަރަކަށް ވެސް ވަނީ ޖަލު ހުކުމް އިއްވާފައެވެ. އެގޮތުން ޖަކަޕް ކްރަސްނިގީ 25 އަހަރަށް، ކަދްރީ ވެސެލީ 18 އަހަރަށް އަދި ރެކްސްހެޕް ސެލިމީ 13 އަހަރަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅާފައެވެ. މި ހުކުމްތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް އޮތްއިރު، އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ 6 ދައުވާއަކުން އެ ބޭފުޅުން ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެއީ އާންމުންނާ ދެކޮޅަށް ނިޒާމީ ގޮތެއްގައި ހަމަލާދިންކަން ޕްރޮސެކިއުޓަރުންނަށް ސާބިތުކޮށްދެވިފައި ނުވާތީއެވެ.
މިނިވަންކަމުގެ ހަނގުރާމައިގައި އަދާކުރެއްވި ދައުރުގެ ސަބަބުން ކޮސޯވޯ އަދި އަލްބޭނިޔާގެ ގިނަ ރައްޔިތުން ތާޗީ ދެކެނީ ޤައުމީ ބަޠަލެއްގެ ގޮތުގައެވެ. ކޯޓުގެ މި ނިންމުމަކީ ކޮސޯވޯއަށް ގެއްލުންހުރި ނިންމުމެއް ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ގްލައުކް ކޮންޔޫޓްސާ ވިދާޅުވެފައިވާއިރު، އަލްބޭނިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވެސް ވަނީ ދަ ހޭގްއަކީ ލަދުވެތި އިދާރާއެއްގެ ގޮތުގައި ސިފަކުރައްވައި މީސްމީޑިއާގައި ނުރުހުން ފާޅުކުރައްވާފައެވެ.



