ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އެންމެ ހަގު ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އުމުރުފުޅުން 76 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.
މިކަން ދުބާއީގެ މީޑިއާ އޮފީހުން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ދުބާއީގެ ޝާހީ ކޯޓުން ވަނީ ހޯމަ ދުވަހުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަސް ކަނޑައަޅައި، ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް އަންގާފައެވެ. އެމަނިކުފާނުގެ ޖަނާޒާގެ ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖެހިގެންދާނީ ދުބާއީގެ ރަސްމީ އުޞޫލުތަކާއި ޝަރަފުގެ މަތިންނެވެ.
ބުރް ދުބާއީ އަށް 12 ޖުލައި 1950 ގައި އުފަންވެވަޑައިގެންނެވި ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝެއިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމްގެ ހަތަރުވަނަ އަދި އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ. އެމަނިކުފާނަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.
އެމަނިކުފާނު ފުރުއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި ދުބާއީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަމާއި، އޭ.އާރް.އެމް. ހޯލްޑިންގް އަދި ދުބާއީ ރިއަލް އެސްޓޭޓް ސެންޓަރުގެ ގްރޫޕް ޗެއާމަންކަން ހިމެނެއެވެ. މީގެ އިތުރުން ޔޫއޭއީ ޕްރޯ ލީގުގެ މަޝްހޫރު ފުޓުބޯޅަ ކްލަބު ”އަލް ވަޞްލް އެފްސީ“ ގެ ޗެއާމަންކަންވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.
މީގެއިތުރުން އިޖުތިމާޢީ ދާއިރާއިން ޖޫން 2021 ގައި އަލް ޖަލީލާ ފައުންޑޭޝަން މެދުވެރިކޮށް ”ހަމްދާން ބިން ރާޝިދު ކެންސަރު ޗެރިޓީ ހޮސްޕިޓަލް“ ޤާއިމުކުރުމަށްޓަކައި، ދުބާއީ ފުލުހުންގެ މެދުވެރިކޮށް ދީލަތި އެހީތަކެއް އެމަނިކުފާނު ވެދެއްވާފައިވެއެވެ.


