ޝަރުޢީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަތައް ކޮނެގެން ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ދީނީ ގޮތުން ހުއްދަ ނޫން، ޙަރާމްވެގެންވާ ކަންކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެެއްގައި މިނިސްޓަރު ވިދާޅުވީ ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ކޮންނަ ކަމުގެ މަޢުލޫމާތު ބައެއް ފަހަރު ލިބެމުންދާ ކަމަށެވެ.
ނަމަވެސް އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ނޫން ކަމަށާއި، ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނެގުމާއި ކޮނުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޝަރުޢީ ރުޤްޔާގެ ތަފްޞީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުޢީ ރުޤްޔާއަކީ ބަލިމީހާއަށް ޝިފާއަށް އެދިގެން ޤުރުއާން ކިޔަވައި އޭނާގެ ގަޔަށް ފުމުން ނުވަތަ ފެނަށް ކިޔަވައިގެން އެ ފެން ބޯން ދިނުން ކަމަށެވެ. އަދި ޝިފާއަށް އެދި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިޔުމަކީ ވެސް ޝަރުޢީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ރުޤްޔާ ކުރުމުގެ ނަމުގައި ޝަރުޢީ ގޮތުން ހުއްދަ ނޫން ނޭދެވޭ އެތައް ޢަމަލުތަކެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިފަދަ ކަންކަމާމެދު ޢާންމު ރައްޔިތުން ރައްކާތެރިވެ ތިބުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ މާތް ﷲ ކަމަށާއި، އެހެންކަމުން ދުޢާކުރުމާއި ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތް ކަމަށެވެ.



