ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް މިއަދު މާލޭ އާޓިފިޝަލް ބީޗުގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މޮންޓްރިއާލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މިއަހަރުގެ ތީމަކީ ”ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް“ އެވެ. މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކަށް މީހުން ހޭލުންތެރިކުރުވުމެވެ.
މި ހަރަކާތުގެ ތެރޭގައި ތަފާތު 5 ސްޓޯލެއް ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ އެނާޖީ ޑިޕާޓްމަންޓާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސްޓޯލް ހިމެނެއެވެ. މިގޮތުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ސްޓޯލުންނާއި ޤައުމީ ޔުނިވަރސިޓީގެ ސްޓޯލުން ގަސް ހަދިޔާކުރުމާއި، ތިމާވެށީގެ އިޤުރާރުތައް ހިއްސާކުރުމާއި، އޯޒޯން ފަށަލައާ ގުޅޭ ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި އެނާޖީ ޑިޕާޓްމަންޓުގެ ސްޓޯލްތަކުން ވަނީ ހަކަތަ އިޤުތިސާދުކުރުމާއި ހެޔޮގޮތުގައި ހަކަތަ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ދީފައެވެ. މީގެ އިތުރުން، އެކި ބާވަތުގެ ބޮކިތަކުން ހަކަތަ ހޭދަވާ މިންވަރު އަމަލީގޮތުން ދައްކުވައިދިނުމާއި، ސުވާލާއި ޖަވާބު ސެޝަންތަކާއި، ސޯލާ ޕީވީގެ މޮޑެލްތައް ދެއްކުމުގެ އިތުރުން ”ހަކަތަރި“ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 12,000 ބީޓީޔޫގެ ހަކަތަރި އޭސީއެއް ލިބޭ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00 އަށް އަދި މިރޭ 20:00 އިން 22:00 އަށް ކުރިއަށްދާނެއެވެ.



