ގދ. އަތޮޅުގެ ތިންވަނަ ރިސޯޓު، ”ނިލާ ކޮރަލް އައިލޭންޑް މޯލްޑިވްސް“ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ އެ އަތޮޅު ކޮޑެގަލާގައި މަތީ ފަންތީގެ ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ތަރައްޤީކޮށްފައިވާ ލަގްޒަރީ ރިސޯޓެކެވެ.
މި ރިސޯޓު ހުޅުވުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ގދ. އަތޮޅުގެ ރައްޔިތުންނަށް ރަށާ ކައިރިން ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ އައު ފުރުޞަތުތައް ފަހިވެގެންދާނެ މުހިންމު ފެށުމެއް ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރު އަންނަ އަހަރު ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، މި ރިސޯޓު ހުޅުވުމަކީ ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށާއި ފަތުރުވެރިކަމުގެ ނަފާ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ބާރެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ނިލާ ކޮރަލް އައިލޭންޑަކީ އެއްފަހަރާ 40 މީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ބުޓީކް ރިސޯޓެކެވެ. މޫދަށްވާ ގޮތަށް ރަށުގައި ތަރައްޤީކޮށްފައިވާ ޖުމްލަ 7 ވިލާ ހުންނައިރު، މި ވިލާތައް ވަނީ ތިން ގިންތިއަކަށް ބަހާލާފައެވެ. އެއީ 2 ކޮޓަރީގެ ވިލާތަކާއި، 3 ކޮޓަރީގެ ވިލާތަކުގެ އިތުރުން އެންމެ މަތީ ފަންތީގެ 5 ކޮޓަރީގެ ވިލާއެވެ.

މާވަރުލު އެއަރޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭ ސަރަޙައްދެއްގައި އޮންނަ މި ރިސޯޓަށް މިހާރު ވަނީ ބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ނިލާ ކޮރަލް އައިލޭންޑް ހުޅުވުމާއެކު ގދ. އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އަދަދު މިހާރު ވަނީ ތިނަކަށް އަރާފައެވެ. އެ އަތޮޅުގައި ދެން ހިންގަމުން އަންނަނީ އަޔާޑާ މޯލްޑިވްސް އާއި އެންއެޗް ކަލެކްޝަން މޯލްޑިވްސް ހޮވޮއްޑާ ރިސޯޓެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 180 ރިސޯޓެއްގައި 45،171 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.



