ކުރިއަށް އޮތް ޓޫރިޒަމް ޕީކް ސީޒަނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ”ވިންޓަރ ރެޑިނެސް 2026/2027 ކިކްއޮފް މީޓިންގ“ ބާއްވައިފިއެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕީކް ސީޒަނާ ދިމާކޮށް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަނެ، އެކުލަވާލާފައިވާ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ދެނެގަނެ، ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މި އަހަރުގެ ޓޫރިޒަމް ޕީކް ސީޒަނަށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ވީއައިއޭގެ ޚިދުމަތްތައް އަވަސްކުރުމަށް އެމްއޭސީއެލް އިން އަންނަނީ ދުރާލާ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ޓާމިނަލްގައި ޗެކިން ކައުންޓަރުތަކާއި ރިމޯޓް ގޭޓްތައް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން ފަސިންޖަރުން ފާސްކުރުމާއި ޗެކްކުރުމުގެ މަރުހަލާ ހަލުވިކުރުމުގެ ގޮތުން ސްކްރީނިންގ މެޝިނަރީޒްތައް ވެސް ވަނީ އިތުރުކޮށްފައެވެ.

ހަމައެއާއެކު، އިމިގްރޭޝަން ކްލިއަރެންސް އަވަސްކުރުމަށްޓަކައި ފަސިންޖަރުންނަށް ޚާއްސަ އީ-ގޭޓްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރެވެމުންނެވެ.
އެމްއޭސީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި ފާއިތުވި އަހަރުގެ ޕީކް ސީޒަންގައި ވީއައިއޭއަށް 17,746 ފްލައިޓް ވަނީ އޮޕަރޭޓްކޮށްފައެވެ.



