ފޯބްސް އާއި މާކެޓް ރިސާޗް ފާމް ’ސްޓެޓިސްޓާ‘ ގުޅިގެން އަލަށް އެކުލަވައިލި ”ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026“ ރޭންކިންގައި، 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނި، ރާއްޖޭގެ ބޭންކިން ދާއިރާއަށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މި ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ ފައިދާ، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަން ފަދަ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ.
ހަ ގިންތިއަކަށް ބަހާލައިގެން އެކުލަވައިލި މި ލިސްޓުގައި ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މި ޓިއަރގައި ބީއެމްއެލް އަޅައިކިޔާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އެވެ. މި ކާމިޔާބީން ދައްކުވައިދެނީ ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި، ބެލެންސް ޝީޓުގެ ހަރުދަނާކަމެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މި ރޭންކިންއަކީ ބޭންކަކީ ވަރުގަދަ އަދި ފުދުންތެރި ރައުސްމާލެއް އޮތް ހަރުދަނާ ތަނެއްކަން ސާބިތުކޮށްދޭ ކަމެކެވެ.
މީގެއިތުރުން، ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދަށް ޚިދުމަތްކުރުމަށާއި، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށްގެން މާލީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މި ކާމިޔާބީގެ ސަބަބުން ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން ދެކެއެވެ.



