ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކުޓަރީއެއް އެކުލަވާލައި، އެ ޑިރެކުޓަރީއަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިފުތިތާހުކޮށްފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ޑިރެކުޓަރީއަކީ ”މޯލްޑިވްސް 2.0“ ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެމަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިފުތިތާހުކުރެވުނު ޑިރެކުޓަރީއެކެވެ. މި ޑިރެކުޓަރީގެ ވެބްސައިޓުގެ އެޑުރެހަކީ directory.presidency.gov.mvއެވެ.
މި ޑިރެކުޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކުޓަރީގައި ހިމެނޭ މައުލޫމާތުތަކުގެ ތެރެއިން، އެ މުއައްސަސާގެ އިސް ވެރިޔާގެ ގޮތުގައި އެ މުއައްސަސާއަކުން ކަނޑައަޅާ ފަރާތުގެ ނަމާއި މުއައްސަސާގެ އެޑްރެހާއި މުއައްސަސާއަކާއި މުވާސަލާތުކުރެވޭނެ ގޮތް ނުވަތަ މުއައްސަސާގެ މީސްވިއުގަ ލިންކުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ މުއައްސަސާއަކުން ޑިރެކުޓަރީގެ ވެބްސައިޓުގައި، މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމު ނުވަތަ އީމޭލު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެ ކަމެއް ހުށަހަޅަން ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބާތަކާއި، މައުލޫމާތު އެއްކޮށް، ބެލެހެއްޓުމަށް ބޭނުންކުރަމުންދާ ސިސްޓަމްތަކާއި، ޑޭޓާބޭސްތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކުގެ ނަންތައް، ދިވެހިބަހުންނާއި އިނގިރޭސި ބަހުން ލިޔާނީ، މި ޑިރެކުޓަރީގައިވާ ގޮތަށް ކަމުގައި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.



