އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށް، ގާނޫނާއި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ގެންނަ މި ބަދަލާ ގުޅިގެން އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން 7 ދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެ ކަމަށެވެ.
އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ގަވާއިދާ ހިލާފުވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެ މައުލޫމާތު އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް (SIMS) ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އެޅުމުގައި ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދީގެން ބަލާނެ ސަރަހައްދުތަކާއި މަގުތައް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުތަކާއި ސްކޫލުތައް ހުންނަ ސަރަހައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ސްލޮޓުތައް ހިމެނެއެވެ.
މީގެއިތުރުން މާލޭގެ މައި މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް) ގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގު އަދި ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި މި ނިޒާމު ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.



