ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޓަވަރުތަކުގެ ދެ ޔުނިޓަކާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ޔުނިޓުތައް ހުސްކުރުމަށް އެ ފަރާތްތަކަށް ނޯޓިސް ފޮނުވައިފިއެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ 4،000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ކުއްޔަށް ދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި ތަކުރާރުކޮށް ފުރުސަތު ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެ މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްވެސް ވަނީ ފޮނުވާފައެވެ. އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ހަވާލުކޮށްފައިވާ ކަމަށް އެފްޑީސީން މަޢުލޫމާތު ދެއެވެ.
ފައިސާ ދެއްކުމަށް އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ފުރުސަތުތަކެއް ދީ، ކަނޑައެޅިފައިވާ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކޮށް ހަވާލުކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސްވެސް ވަނީ ކަނޑާލާފައެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. މީގެއިތުރުން ޢިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެއްބަސްވުމާ އެއްގޮތަށް ޤަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަހުގެ 2 ވަނަ ދުވަހު އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މަހުން މަހަށް ޤަވާއިދުން ކުލި ދައްކަމުން ދަނީ 3،362 ޔުނިޓުންނެވެ. އަދި ޤަވާއިދުން ކުލި ނުދައްކާ 564 ޔުނިޓު ހުރިކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެފްޑީސީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ހުށަހަޅަމުންދާ މައްސަލަތައް އެ ކުންފުނިން އަންނަނީ ބަލަމުންނެވެ.
އެގޮތުން މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް އެ ފްލެޓުތަކާ ގުޅޭ 49 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.



